
އައު އަހަރަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ “ނިއު އިޔަރ ފެސްޓިވަލް”އިން ސްޓޯލްތައް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި 2ވަނަ ފިޔަވަހި ގުޅޭ ޗެނަލް ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލަށް 80 ސްޓޯލް، ކުއްޔަށް ދޫކުރަން ހަމަޖެހިފައިވާކަމަށާއި ކޮންމެ ސްޓޯލަކަށް ދުވާލަކަށް 500 ރުފިޔާގެ ރޭޓުން، 6 ދުވަހަށް 3000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީ ބުނީ، މި ސްޓޯލްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭ އުސޫލުން، ޝަރުތުހަމަވާ ފަރާތްތަކަށް ސްޓޯލް ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ. އަދި ފޯމާއި އެކު އައިޑީ ކާޑު ކޮޕީ، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްކަމުގައިވާނަމަ، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ނުވަތަ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދޫކުރާ ޕްރޮފައިލް ޝީޓް ހުށަހަޅަންޖެހޭނެ ކަމަށް އެޗްޑީސީ ބުނެއެވެ.
އެހެންކަމުން، ސްޓޯލް ކުއްޔަށް ނެގުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާނީ އޮންލައިން ލިންކް https://forms.office.com/r/0sTJJRPPmJ މެދުވެރިކޮށް ކަމަށާއި ފޯމުތައް ހުށަހެޅޭނީ މި ޑިސެމްބަރު މަހުގެ 22ވަނަ ދުވަހުގެ 12:00 ފެށިގެން ޑިސެމްބަރު 23ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ސްޓޯލް ހިންގަން ހަަމަޖެހިފައިވާ ގަޑިތައް:
- 27 ޑިސެމްބަރުން 29 ޑިސެމްބަރަށް: 16:00 އިން 00:30އަށް
- 30 ޑިސެމްބަރުން 31 ޑިސެމްބަރަށް: 16:00 އިން 1:00އަށް
- 1 ޖަނަވަރީ 2026: 16:00 އިން 00:30އަށް

