އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ލިބޭނީ 20 ޕަސެންޓް ކަމަށް، އިދިކޮޅު އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރެއްވުމަށް ފަހު އަނބުރާ މިރޭ އެމްޑީޕީއާ ގުޅިވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައަކީ މާލެ ފިޔަވައި އެހެން އެއްވެސް ރަށެއް އަސާސީ ހިދުމަތްތަކާއި އާމްދަނީގެ ފުރުސަތުތައް ލިބިދެވޭނެ ގޮތަށް ރަނގަޅު ފެންވަރަށް ތަރައްގީ ކުރެވިފައި ނެތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މާލޭގެ ތޮއްޖެހުމަށް ބަދަލެއް ނައިސް އިތުރަށް ތޮއްޖެހޭނެ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ހިންގަން ރާވާފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ރަށްރަށުގެ ތަރައްގީގެ ތަސައްވުރަކީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށެވެ.
“އަޅުގަނޑު ދެންނެވީތީ ވެސް މިރޭ ހިސާބު ޖައްސާ، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް މުއިއްޒަށް އޮތީ 20 ޕަސެންޓް،” ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި، އަދި ފުރަތަމަ ޑިކޮމްރެޓިކް އިންތިހާބީ ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވި އިރު އެމަނިކުފާނު އެމްޑީޕީ ދޫކުރެއްވި ފަހުން އެ ޕާޓީއަށް އިންތިހާބެއްގައި މާ ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ. އެމަނިކުފާނު އުފެއްދެވި ޑިމޮކްރެޓްސްއަށް ވެސް އިންތިހާބުތަކުގައި ހޯދުނީ ވަރަށް ދަށް ނަތީޖާތަކެވެ.
މިދިޔަ ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވި ފަހުން އިންތިހާބުތައް ކާމިޔާބުކުރުމުގެ ރެކޯޑު އޮތީ ވެރިކަންކުރާ ޕީއެންސީގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އެ ޕާޓީން ވަނީ ހޯދައިފަ އެވެ.