މިދިޔަ މަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފޮރިން މިނިސްޓްރީގެ ބައިލެޓަރަލް ސެކްރެޓަރީ ހާލާ ހަމީދަށް އަމާޒުވެފައިވާ ފާޑުކިއުންތަކާ ގުޅިގެން ހާލާގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުކުންނަވައިފި އެވެ.
ޔުމްނުގެ އާއިލާއިން އޭނާއާ ހަވާލާދީ ބުނެފައިވާ ގޮތުން ޔުމްނު ވެއްޓުނު ގެއަށް ދިޔައީ ހާލާގެ ދަރިފުޅު ޔޫސުފް ޔައްސާރު އަބްދުލްގަފޫރުގެ ދައުވަތަކަށެވެ.
އެ މައްސަލައިގައި ޔައްސާރުގެ ފޯނާއި ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާއިރު، ހާލާ މިހާތަނަށް ވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ހާލާއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ނަޝީދު “އެކްސް” ގައި ވިދާޅުވީ އޭނާގެ ދަރިފުޅާއި އެހެން އިތުރު ބައެއްގެ ތަހުގީގުވެސް ހިނގަމުންދާއިރު ސާބިތު ނުހިފޭ ތުހުމަތުތަކެއްކޮށް ހާލާގެ ނަން ބަޔަކު ކިލަނބުކުރަމުންދާ ކަމަށެވެ.
އަދި މިއީ ވަރަށް ދެރަކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
It is concerning and disappointing to see Dr @halah_hameed being targeted, tarnishing her reputation through baseless allegations while an investigation is ongoing against not just her son but several others. I know her as a person of integrity and merit serving successive…
— Mohamed Nasheed (@MohamedNasheed) May 16, 2025
އެކި ސަރުކާރުތަކުގައި ވެސް ހާލާ މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ހާލާ ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށާއި އޭނާއަކީ ނަޒާހަތްތެރިއެއް ކަމަށެވެ.
“އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރުން ވަރަށް މުހިންމު. އެހެންނަމަވެސް ތަހުގީގު ހިނގަމުންދާއިރު މީހުންގެ އަބުރަށް އަރައިގަނެ ތުހުމަތުތައް ކުރުން ބަަލައެއް ނުގަނެވޭނެ،” ނަޝީދު ވިދާޅުވި އެވެ.
ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނީ އަމިއްލައަކަށް ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް ޔުމްނުގެ އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން އޭނާ ވެއްޓުނުއިރު ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުތަކުން ފެނުނު ފެންޓެނޯއީގައި ޔުމްނުއާއެކު އުޅުނު ރައުދުއާއި ޔައްސާރު އަދި އިތުރު ދެ މީހުންނާއެކު ހަތަރު މީހުން ތިބި ކަމަށް ޔުމްނު ބުނި ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
ޔުމްނުގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލާފަ އެވެ.