ރަސްމީކޮށް އެމްޑީޕީ ރަޖިސްޓްރީވީ 26 ޖޫން 2005ގަ އެވެ. އެމްޑީޕީ ވުޖޫދުވެގެން އައި ދުވަސްވަރު މުހައްމަދު ނަޝީދަކީ ޕާޓީގެ ޗެއާޕާސަނެވެ. މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރެއްވީ ނަޝީދެވެ. އޭގެ ފަހުން 15 އަހަރެއްހާ ދުވަހު ޕާޓީގެ ލީޑަރަކީ އެއީ އެވެ. 2013، އަދި 2018ގައި ވެސް ޕްރައިމަރީން ހޮވި ރިޔާސީ ކެންޑިޑޭޓަކީ ނަޝީދެވެ.
ނަމަވެސް ޕާޓީ ވުޖޫދުވި ފަހުން 18 އަހަރު ފުރެނިކޮށް 21 ޖޫން 2023ގައި ނަޝީދު އެމްޑީޕީ ދޫކޮށްލި އެވެ. މިރޭ ސަލްޓަން ޕާކްގައި ބޮޑު ޖަލްސާއެއްގައި ނަޝީދު އަނބުރާ އެމްޑީޕީއާ މި ގުޅިވަޑައިގަތީ އޭގެ ދެ އަހަރު ދުވަހަށް ފަހުގަ އެވެ. އެމްޑީޕީއަށް 20 އަހަރު ފުރެން ގާތްގަނޑަކަށް ތިން ދުވަސް އޮއްވަ އެވެ.
ނަޝީދު އަތުން ޕާޓީގެ ބާރުވެރިކަމާއި ނުފޫޒު ގެއްލުނީ 2018 ގެ ރިޔާސީ ޓިކެޓު ދޫކޮށްލަން ޖެހުނު ހިސާބުންނެވެ. ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އޮތުމުން އޭރު އިންތިހާބުގައި ވާދަނުކުރެވޭތީ ޓިކެޓާއި ޕާޓީގެ ބާރުވެރިކަން، އެމަނިކުފާނުގެ ގާތް އެކުވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދޫކޮށްލެވުމުންނެވެ.
ދެ އަހަރު ދުވަސް ފަހުން ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އަނބުރާ އެމްޑީޕީއަށް ގުޅިވަޑައިގަތުގެ ޖަލްސާއަށް ސަޕޯޓަރުން އެއްވެ ފޯރިދެމުން ދިޔައިރު ފުރަތަމަ ވާހަކަ ދެއްކެވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދެވެ. ޝާހިދު ފުރަތަމަ ވެސް ވިދާޅުވީ ‘އެމްޑީޕީއަކީ ނަޝީދުގެ ގެ’ ކަމަށެވެ.
އޭގެ ފަހުގައި ނަޝީދު ވާހަކަ ދައްކަވަމުން ވިދާޅުވީ ދެ އަހަރު ދުވަހަށް ފަހު އެމަނިކުފާނު ޕާޓީއާއި އަދި ރާއްޖޭގައި ވެސް ދުރުގައި ހުންނެވުމަށް ފަހު އަނބުރާ އެމްޑީޕީގެ ޕޯޑިއަމްގައި ހުންނެވުމުން ކުރެވޭ އިހުސާސަކީ “އަނބުރާ ރަށަށް އައިސް ގޭގައި ހުންނަ އިރު ކުރެވޭ އިހުސާސް” ކަމަށް ވިދާޅުވި އެވެ. އަދި ސިޔާސީ މަސައްކަތުން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ނިޒާމުގެ ފަލްސަފާއަކީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށާއި ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.