
ސަލާމަތާއި ރައްކާތެރިކަން ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ހިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބޭއްވި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނެވެ.
ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވި މުއައްސަސާއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ގާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުށުގެ މާހައުލަށް އައިސްފައި އޮތް ބަދަލުތައްވެސް ވަރަށް ތަފާތު ކަމަށާއި މިހާރުގެ ގާނޫނު ބުނާ ގޮތުން ގޮތުން ކޮންމެ ސަރުކާރެއްގަވެސް ސްޓްރެޓެޖީކް ޕޮލިސިން ރިކުއަރމެންޓެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އެ ޕޮލިސިން ރިކުއަރމެންޓާއި އެއްވަރަށް ފުލުހުންނަށް މަސައްކަތް ކުރަމުން ދެވޭތޯ ނުވަތަ ނުކުރެވޭތޯ ބެލިއިރުގަ ފުލުހުންގެ މަސައްކަތެއް ސަރުކާރުން އަދި ފުލުހުން ގަބޫލުކުރާ ފެންވަރަށް އަދި ކުރިއަށް ނުގެންދެވޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމަށާއި، އެ މަގުސަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގަ ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
“ތަހުގީގުތައް އަވަސްވާންޖެހޭނެ. މަގުމަތީގަ ފުލުހުންގެ ޕްރެސެންސް ގިނަވާންޖެހޭނެ. ފުލުހުންގެ އެންގޭޓްމަންޓް މިހާރަށް ވުރެ ގިނަވާން ޖެހޭނެ. ޖަވާބުދާރީވުންތައް މިހާރަށް ވުރެ ރަނގަޅުވާނެ ޖެހޭނެ. މަގުމަތިން މިފެންނަ ކްރައިމްތައް މަދު ކަމުގެ އިހުސާސް ރައްޔިތުންނަށް ވާންޖެހޭނެ. އިދާރީ ބައިތައް މަދުވާން ޖެހޭނެ. މިއީ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަމަކީ މުސްތަގުބަލުގަ.” މިނިސްޓަރު ވިދާޅުވި އެވެ.

