ނަމާދަކީ ދީނުގެ ތަނބު، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، “ނަމާދަަށް ފަރުވާތެރިވުން” މި މަޢުޟޫއެވެ.
ހުކުރު ޚުތުބާގައި ވިދާޅުވީ، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޏަކަސް ފަޤީރަަކަސް، ދުޅަހެޔޮ ސިއްޙިތެއްގައި ހުރި މީހަކަސް ބަލިމީހަކަސް ނުވަތަ ރަށުގައި ޤާއިމްވެހުރި މީހަކަސް ދަތުރުވެރިޔަކަސް ނަމާދަކީ ދޫކޮށްނުލެވޭނެ ފަރުޟެއްކަމަށެވެ.
ނަމާދުގެ މުހިންމުކަމާއި، އޭގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަަމަކީ ނަމާދުކަމަށެވެ. އަދި އެއީ ކީރިތި މާތް ނަބިއްޔާގެ އެންމެ ފަހު ވަސިއްޔަތްފުޅުވެސް ކަންވެސް ހުކުރު ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.
މާތްﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމަށާއި، ނަމާދަކީ ކީރިތި ޤުރުއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި އެއީ ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލުކަންވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.
“ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތްދުވަހުން އެ ނަމާދުވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއްކަމުގައެވެ. އަދި އެނަމާދަށް ރައްކާތެރިނުވާ މީހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއްކަމުގައި އަދި ބުރުހާނެއްކަމުގައި ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ ޤާރޫނާއި ފިރުއައުނާއި ހާމާނާއި، އުބައްޔު ބުނު ޚަލަފާ އެކުގައެވެ.” ޚުތުބާގައި ވިދާޅުވިއެވެ.
ޝަރުޢީ އެއްވެސް އުޒުރެއްނެތި ނަމާދު އޭގެ ވަގުތުން ފަސްކު ކުރުމަކީ ނަމާދު އެޅުމުގެ ތެރޭގައި ހިމެނޭކަމެެއްކަން ފާހަގަކުރައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، އަހަރުމެންގެ ތެރެއިން ބައެއް މީހުން ނަމާދު ފަސްކުރަމުން ފަސްކުރަމުންގޮސް، އެންމެ ފަހުން ނަމާދު ވަގުތު ފާއިތުވެދާއިރުވެސް އެބައިމީހުންނަށް އެ ނަމާދެއް ނުކުރެވޭކަމަށެވެ. އަދި މިއީ އަހަރުމެން އެކަމާމެދު ނުހަނު ސަމާލުކަންދީ ރައްކާތެރިވާންޖެހޭ ކަމެއްކަމަށް ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.
ނަމާދަކީ މުސްލިމުންނާއި، ކާފުރުންނާ ދެމެދުވާވާ ތަފާތުކަމަށާއި، އަދި އެއީ އެދެެމެދި ވަކުކުރާ އިންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
” އަހަރުމެންނާ އެބައިމީހުންނާ ދެމެދުވާ އަހުދަކީ ނަމާދެވެ. އެ ނަމާދު ދޫކޮށްލާ މީހާ ހަމަކަށަވަރުން ކާފިރުވެއްޖެއެވެ.” ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.
މިއަދު ހުކުރު ޚުތުބާގައި، މިސްކިތްތަކުން ކޮންމެ ދުވަހަކު ފަސް ފަހަރު ބަންގީގައި ގޮވައިލެވެނީ ކާމިޔާބު ހޯދުމަށާއި، ނަމާދަށް އަވަސްވެގަތުމަށްކަން ފާހަކުރެއްވިއެވެ.