
ހޮންކޮންގުގެ ޓައިޕޯ ޑިސްޓްރިކްޓް އިމާރާތްތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 44މީހުން މަރުވެއްޖެއެވެ.
ބޭރުގެ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގައިފައި ވަނީ އިއްޔެގެ މެންދުރުފަހު ވަންގް ފުކް ކޯޓް ބިލްޑިންގުގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ނޭނގުނަސް އަލިފާން ، ހިފައި ފެތުރިފައި ވަނީ މަރާމަތަށް ޓަކައި ޓަވަރެއް ވަށައި ޖަހައިފައި ހުރި އޮނުތަކެއްގައިކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާގައި ސަލާމަތްކުރެވުނު ، ސީރިއަސް އަނިޔާތަކެއް ލިބުނު 45މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މިހައިތަނަށް 279މީހަކު ނުހޯދޭކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 760 ފަޔަރފައިޓަރުން ޙަރަކާތްތެރި ވެއެވެ. މަރުވި މީހުންގެ ތެރޭގައި ފަޔަރފައިޓަރެއް ވެސް ހިމެނެއެވެ.
މި ހާދިސާއާ ގުޅޭ ތަހުގީގު މިހާރު ފަށައިފައިވާ އިރު ކަމާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ވަނީ ހައްޔަރަށް ވެސް ގެންގޮސްފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަންގްފުކް ކޯޓް ބިލްޑިންގ ކޮމްޕެލްކްސްއަކީ 1983ވަނަ އަހަރު އިމާރާތްކުރި 8 ޓަވަރު ހިމެނޭ ކޮމްޕެލްކްސްއެކެވެ. އެ ތަނުގައި ހިމެނޭ 1984 އެޕާޓްމަންޓްތަކުގައި 4600 މީހުން ދިރިއުޅޭކަމަށް ވެއެވެ. މި 8 ޓަވަރުގެ ތެރެއިން 7 ޓަވަރެއްގައި ވަނީ އަލިފާން ރޯވެފައެވެ.

