ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ، އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީ ދެމިތިބެން ޖެހޭ ކަމަށާއި ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މި މަސް އަލްވަދާއު ކިޔަނީ ކަމަށެވެ. ނަމަވެސް އެ މަހުގެ ވެރި ﷲ ދިރިދެމިވޮޑިގެންވާ ކަމަށެވެ. ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ އަމަލު ކުރުމަކަށް އަލްވަދާއު ނުކިޔާނެ ކަމަށެވެ. ވުމާ އެކު ޔަގީންވެގެންވާ މަރު ބައްދަލު ކޮށްފުމަށް ދާންދެން ހެޔޮ އަމަލު ކުރުންމަތީ ދެމިތިބެން ޖެހޭ ކަމަށެވެ.
އަޅުކަންކުރުމަކީ ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އަޅުކަންކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން ކަމަށެވެ. ރޯދަ މަހުގެ ވެރި ﷲ އަކީ އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲ ކަމަށެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި މުއުމިނުންނަކީ ވަކި މަހެއްގައި ނުވަތަ ވަކި މޫސުމެއްގައި ﷲ އަށް އަޅުކަންކުރަން ޖެހޭ ބައެއް ނޫން ކަމުގަ އެވެ. މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރަން ޖެހޭނެ ކަމުގަ އެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވާއިރު، ރަމަޟާން މަހަކީ އެ ފަދަ މޫސުމެއް ކަމުގަ އެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ކަމުގަ އެވެ. އަދި އެ މަސް ނިމުމުން ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެ ކަމުގަ އެވެ.
ރަމަޟާން މަސް ވަކިވެގެން މި ދަނީ ޝައްވާލު މަހުގެ ހަ ރޯދައިގެ ނިއުމަތަށް މަގު ފަހިކޮށްދީފައިކަން ހުތުބާގައި ފާހަގަކުރި އެެވެ. ބުނީ އެ ހެޔޮ ކަމަށް އެދި ނިއުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ. ނިމިގެން މި ދާ ރަމަޟާން މަހު އަޅުކަމުގައި ފަރުވާ ކުޑަކުރެވިފައިވާ ނަމަ، އެއީ ރަނުގެ ފުރުސަތެއް ކަމަށެވެ. ތައުބާގެ ހިތަކާ އެކު ﷲ ގެ ހަޟުރަތަށް ރުޖޫއަވުމުގެ ފުރުސަތެއް ކަމަށާއި ހެޔޮ އަމަލުތަކަކީ ނުބައި ކަންތައް ފޮހެލާ ކައްފާރާއެެއް ކަަމަށެވެ.
މިއަދު ހުތުބާގައި ބުނި ގޮތުގައި ގިނަގިނައިން ތައުބާވެ، މާތް ﷲ އަށް އިސްތިޣުފާރުކުރަން ޖެހޭ ކަމުގަ އެވެ. އިސްތިޣުފާރުކުރުމަކީ އެކަލާނގެ ހަޟުރަތުގައި ފާފަ ފުއްސެވުމަށް އެދި ދެންނެވުން ކަމަށާއި އެކަލާނގެއީ ތައުބާވާ މީހުންގެ ތައުބާ ގަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެ ކަމުގަ އެވެ. އެކަލާނގެއީ އެކަލާނގެ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެ ކަމުގަ އެވެ.
“ނިމިގެން މި ދާ ރަމަޟާން މަހު ތިބާގެ އަމަލުތައް ހުރި ގޮތާ މެދު ވިސްނައިލާށެވެ! ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ގަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުންނާށެވެ! ކޮންމެ ދުވަހަކު ޤުރްއާނުން ސަފުހާއެއް ނަމަވެސް ކިޔެވޭތޯ ބަލާށެވެ! ހެޔޮ އަމަލުކުރުމުގައި ހީވާގިވާށެވެ! ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށްދާށެވެ! އެއީ ނަބަވީ މަންހަޖެވެ.”
ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ ގިނަގުނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކިގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. ކުރެވުނު ހެޔޮ އަމަލުތަކަށް އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭ ނަމަ އެ އަމަލުތައް ބާތިލުވެދާނެކަން ފާހަގަކުރި އެވެ.
ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ، އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީ ދެމިތިބެން ޖެހޭ ކަމަށެވެ. ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.
ހުކުރު ހުތުބާގައި ބުނީ ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ ސަބަބުން ނުވަތަ ވަރުބަލިކަމުގެ ސަބަބުން ނުވަތަ ހަނދާންނެތިގެން ވިޔަސް އަޅުކަމެއް ދޫވެއްޖެ ނަމަ އެ ކަމާ ދެރަވާން ނުޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ވީހާ އަވަހަކަށް އެ އަޅުކަމެއް ކުރަން ޖެހޭ ކަމަށެވެ.
މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރުމަށް އަމުރުކުރައްވާފައިވާ އަޅުކަމެއް ވާ ކަމަށް ހުތުބާގައި ބުންޏެވެ. އެއީ ފިތުރު ޒަކާތް ކަމަށެވެ. އެ ޒަކާތަކީ ރޯދަ މަހު ރޯދަ ހިފިއިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއް ކަަމަށެވެ.
ވުމާ އެކު ތިމާ އާއި ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ފަރާތުން ފިތުރު ޒަކާތް ނެރުމަށް އަވަސްވެގަންނަން ޖެހޭ ކަަމަށެވެ. އީދުވިލޭރެ އާއި އީދު ދުވަހު ކެއިންބުއިމަށް ފުދި އިތުރުވާ ކޮންމެ މީހެއްގެ މަތިން މި ޒަކާތް ނެރުން ވާޖިބުވެގެންވާ ކަމަށެވެ. ފިތުރު ޒަކާތް ނެރޭނީ އީދު ނަމާދުކުރުމުގެ ކުރިން ކަމަށްވާއިރު، އެކަމަށް ސަމާލުކަންދީ އެ ޒަކާތް ނެރުމަށް އަވަސްވުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ގޮވާލާފަ އެވެ.