ހުޅުމާލެ ފޭސް ދޭއްގެ ނިކަގަސްމަގު ބީޗް ސަރަހައްދުގައި ޑްރޯން އަރުވަން ހުއްޓައި ސުވާލު ކުރުމުން އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައިގެ ތުހުމަތުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަށް ކަމާ ގުޅިގެން ދީފައި ވަނީ ނަސޭހަތް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމުގައި ފުލުހުން ބުނެފި އެވެ.
ޑްރޯން އެރުވުމުގައި ހަރަކާތްތެރިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަނިޔާކުރި ކަމުގެ ތުހުމަތު ކޮށްފައި ވަނީ “ވަން އޮންލައިން” ގައި މަސައްކަތްކުރާ ނޫސްވެރިޔާ ހަމްދާން އަހުމަދެވެ. އެކަން ހިނގި ގޮތް ހިއްސާކޮށް ފޭސްބުކްގައި ހަމްދާން ކުރި ޕޯސްޓަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ނިކަގަސް މަގުގައި ބީޗަށްވާ ގޮތަށް މަގުގެ އެއް ފަރާތުގައި ޑްރޯން އަރުވަން ހުއްޓައި ފުލުހުން އައިސް އޭނާ އާ ކުރި ސުވާލުތަކަށް ޖަވާބު ދީފައިވާ ކަމުގަ އެވެ.
ހުއްދަ ނެތް ނަމަ ޑްރޯން ނާރުވާން ފުލުހުން އެދުމުން އެ ވަގުތު އަތުގައި ހުއްދަ ނެތުމާ އެކު ޑްރޯން ތިރިކުރި ކަމަށް ހަމްދާން ބުނެފައިވެ އެވެ. ހުއްދައިގެ ބަދަލުގައި އައިޑީ ކާޑާއި ޕްރެސް ކާޑު ދެއްކި ނަމަވެސް އެކަން ބަލައިނުގަނެ ހަޑި ހުތުރު ބަހުން ފުލުހުން މުއާމަލާތްކުރި ކަމަށް އޭނާ ބުނެ އެވެ.
ހަމްދާން ބުނެފައި ވަނީ އެ ސަރަހައްދު ދޫކޮށް ދާން މަސައްކަތް ކުރުމުން އެކަމަށް ހުރަސް އެޅުމަށް ފަހު ބިޑި އަޅުވަން މަސައްކަތް ކުރި ކަމަށާ އަދި ޕޮލިސް ކާރެއް ގެނެސް އޭގެ ތެރެއަށް އޭނާ އެއްލާލި ކަމަށެވެ. އެވަގުތު އޭނާ ދިޔައީ ފޭސްބުކް ލައިވް ކުރަމުން ކަމަށް ވާތީ، ފޯނު އަތުލައި ވީޑިއޯ ޑިލީޓުކުރަން ފުލުހުން އެންގި ކަމަށެވެ.
ކާރަށް އަރުވައި ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެކި ގޮތްގޮތަށް ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް ހަމްދާން ތުހުމަތު ކޮށްފައިވެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެކަން ކުރީ ފޯނު ހުޅުވައި އޭނާ ލައިވްކުރި ވީޑިއޯ ޑިލީޓުކުރަން ދެކޮޅު ހެދުމުން ކަމުގަ އެވެ. އެތައް އިރެއްވީ ފަހުން އެ ސްޓޭޝަނުގެ އިންޗާޖް ވަޑައިގެން އޭނާއަށް ނަސޭހަތްތެރިވި ކަމަށާއި ވީޑިއޯ ޑިލީޓުކޮށްފައި ނުވާތީ “ފުލުހެއްގެ ގައިގައި އަތްލި ކަމުގެ ކުށުގައި ތިހުރީ ހައްޔަރުކޮށްފައި ކަމަށް،” އިންޗާޖް ވިދާޅުވި ކަމަށް ހަމްދާން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ރޭ 8:40 ހާއިރު ނިކަގަސްމަގު ބީޗް ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ ހުއްދަ އޮތްތޯ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން އެ މީހާ އާ ސުވާލު ކޮށްފައިވާ ކަމަށެވެ.
ސުވާލު ކުރުމުން މައުލޫމާތު ދިނުމަށާ އަދި ހުއްދަ ދެއްކުމަށް އިންކާރުކޮށް، ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައިގެ ތުހުމަތުގައި ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް އޭނާ ގެންގޮސް ސުވާލު ކޮށްފައިވާ ކަމުގަ އެވެ. އަދި ޑްރޯން އެރުވުމުގެ ހުއްދަ ނެތި ޑްރޯން އެރުވުމުން ނަސޭހަތްތެރިވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
“މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާއަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،” މެސެޖުގައިވެ އެވެ.
އެހެންނަމަވެސް މިހާތަަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.