
ދުރާލައި ހުއްދަ ނަގައިގެން ނޫނީ މާލޭގެ ވަކި ސަރަހައްދުތަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވައިލުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ދިޔަ ހަފްތާގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މިއަދުގެ މަޖިލީސް ޖަލްސާގަ އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މީކާއިލް ވިދާޅުވެފައިވާ ވަނީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ އެވެ.
އެހެންވެ ބިލު ހުށަހަޅަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް އެއްވެ އުޅުމުގެ ގާނޫނުން އެ އަސާސީ ހައްގަށް ހުރަސް އަޅައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ހުއްދަ ހޯދުމަކައިނުލާ ކޮންމެ މީހަކު، ކޮންމެ ތަނަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިއްބައިދީފައިވިޔަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ވަނީ ހަނިކޮށްފަ އެވެ.
އެ ގާނޫނު އެންމެ ފުރަތަމަ ވުޖޫދަށް އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ގައި ވައްޓާލުމާ ގުޅިގެން، އެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ. ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. ޔާމީންގެ ވެރިކަމުގައި ވަނީ އެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަވާފަ އެވެ.
މީކާއިލް ހުށަހަޅުއްވާފައި އެވަނީ މުޅި ގާނޫނު އުވައިލުމަށެވެ.

