
އައްޑު އަތޮޅު ހުޅުދޫ އާއި މީދޫއަކީ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
މި ދެ ރަށަކީ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުވައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިފިއެވެ.
މި އިސްލާޙު ގެންނެވީ 25 އޮކްޓޯބަރު 2025ވީ ހޮނިހިރު ދުވަހު އައްޑޫ މީދޫއާއި ހުޅުދޫ އަދި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު ޢާންމު ވޯޓުގައި ހުޅުދޫއަށް ޚާއްޞަ ކައުންސިލެއް އޮންނަން ފެންނަކަމަށް ހުޅުދޫގެ ރައްޔިތުން ނިންމާފައިވާތީއާއި މީދޫއަށް ޚާއްޞަ ކައުންސިލެއް އޮންނަން ފެނަންކަމަށް މީދޫގެ ރައްޔިތުން ނިންމާފައިވާތީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ދެން އެންމެ އަވަހަށް އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އައު ކައުންސިލްތަކުގެ ޢުމުރު ގުނަން ފަށާ ދުވަހުން ފެށިގެންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

