އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުދޫ އާއި މީދޫއަށް އެއް ރަށު ކައުންސިލެއް ހަދަން ފެނޭތޯ ކުރުމަށް ހުށަހަޅާފައިވާ ސުވާލު އުނިކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެއް ފަސްގަނޑަކަށް އޮތް ނަމަވެސް ހުޅުދޫ އާއި މީދޫ އަކީ ދެ ރަށެއް ގޮތުގައި ސަރުކާރުތަކުން ވަނީ ބަލައިގެންފަ އެވެ. ހުޅުމީދޫގެ މި ދެ އަވަށުގެ ވާދަވެރިކަން ބޮޑުކަމުން އެ ދެ އަވަށުގެ މީހުން ދެކެނީ އެއީ ދެ ރަށެއް ގޮތުގަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހުޅުމީދޫގައި އެއް ރަށު ކައުންސިލް ހެދުމަށް ފެނޭތޯ އެ ސުވާލު ފުރަތަމަ ހިމަނާފައިވެ އެވެ.
ނަމަވެސް އެ ސުވާލު އުނިކުރަން ނިންމަވައި، ރައީސްގެ ގަރާރު އިސްލާހު ކުރެއްވުމަށް ފަހު މިއަދު ވަނީ އާންމުކުރައްވައިފަ އެވެ.
ވަކި ރަށު ކައުންސިލްތަކެއް ހަދަން ފެންނަ ނުފެންނަ ވޯޓު ނަގަނީ ހުޅުދޫ އާއި މީދޫގެ އިތުރުން ފޭދޫގަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މަރަދޫއާއި މަރަދޫފޭދޫގައި މި ވޯޓު ނުނަގަނީ އެ ގޮތަށް އެ ދެ ރަށުން އެދިފައި ނުވާތީ އެވެ. މަރަދޫއާއި މަރަދޫފޭދޫއަކީ ވެސް އެއް ފަސްގަނޑެކެވެ.