ހުޅުމާލޭގެ ދުވާރު މަތީގައި ގޮނޑި މޭޒު ޖަހައިގެން ޖަހައިގެން ހިދުމަތްދޭ ތަންތަނުން އެތަކެތި ނަގަން އެޗްޑީސީއިން އަނެއްކާ ވެސް އަންގައިފި އެވެ.
ހުޅުމާލޭގެ ބައެއް ކެފޭ ރެސްޓޯރެންޓުތަކުގެ ބޭރުގައި ދުވާރު މަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތް ދޭކަން ފާހަގަކޮށްލެވެ އެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެ ގޮތަށް ބަހައްޓާ ތަކެތި ނެގުމަށް އެޗްޑީސީން އަންގަ އެވެ.
އެ ގޮތަށް ދުވާރުމަތި ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއްކަން މިދިޔަ އަހަރު ކުރި އިއުލާންއެއްގައި ވެސް އަންގާފައިވެ އެވެ.
އޭގެ ފަހުން އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަދިވެސް އެގޮތަށް ގިނަ ފަރާތްތަކުން އަމަލުކުރަންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންވެ ދުވާރު މަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނަގަން އެޗްޑީސީން ވަނީ އަންގައިފަ އެވެ. ނޫންނަމަ އެ ގޮނޑިތަކާއި މޭޒުތައް ނަގައި އެ ސަރަހައްދު ސާފުކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
“އަދި މި މަސައްކަތުގެ ތެރެއިން މުދަލަކަށް ލިބިދާނެ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ވެސް ދަންނަވަމެވެ” އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން މީގެ ކުރިން ވަނީ ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދުގައި ހުރި ކެފޭ ރެސްޓޯރެންޓު އަދި ގެސްޓު ހައުސްތަކުން ގޮނޑުދޮށު ވެލިގަނޑުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތް ދޭތީ އެކަންވެސް ހުއްޓުވައިފަ އެވެ.