ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާބަން ފާބިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފިއެވެ.
މި ކަމަށް ޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާބަން ފާމިންގ 2 ގެ ޕްލާޒާ ހުޅުއްވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ އެވެ.
ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި މި ކޯޕަރޭޝަނާއި ގުޅިގެން ހިންގާ “ކޮމިއުނިޓީ އާބަން ފާމިން” މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް” (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއުކެވެ.
އަދި މި ޕްރޮގްރާމްގެ އެއްމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ތަމްރީން ދިނުމުގެ އިތުރުން އެ މީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުމެވެ.
އެގޮތުން، އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ ދެވަނަ މަޝްރޫއުގެ ދަށުން ވަނީ 84 ދަނޑުވެރިން ތަމްރީނުކޮށް އެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.
އަދި މިއަދު އިފްތިތާހުކުރެވުނު މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ވަނީ ދޫކޮށްފައެވެ. މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމެވެ.
އާބަން ފާމިން މަޝްރޫއަކީ ހުޅުމާލޭގެ ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅިގެން ދިއަ މުހިއްމު ފިޔަވަޅެކެވެ. މި ކުންފުނީގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުމެވެ.