
ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ ޑިސެމްބަރު 6 ވަނަ ދުވަހުން ފެށިގެން މިފަދަ އުޅަނދުތައް ޓޯވކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް އެފަދަ އުޅަނދުތައް ގެންދިއުމާ، މިގޮތަށް ގެންދާ އުޅަނދުތައް ގެންދިއުމުގައާއި އެ އުޅަނދެއް ގެންދިއުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޚިދުމަތުން ޒިންމާ ނުވާނެކަމަށެވެ. އަދި ޓޯވކުރެވޭ އުޅަނދުތައް ޓޯވކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން، ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޑިސެމްބަރު 5 ވަނަ ދުވަހުގެ 23:30 ގެ ކުރިން އެތަންތަނުން ނެންގެވުމަށް ފުލުހުން ވަނީ އެދިފައެވެ.

