
ހުޅުމާލެ ނިރޮޅުމަގުގައި ކާރެއް ކޮންޓުރޯލްނުވެ ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރާ އެކްސިޑެންޓު ވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ދެ މީހުން ބަންދު ކުރުމަށް ކޯޓުން 15 ދުވަހަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އެކްސިޑެންޓްވި ކާރު ދުއްވި ހ. ބުލޫލޫން / މާލެ، މުޙައްމަދު ޖައުޝަން (29އ) އަދި އެ ކާރުގެ ކުރީ ސީޓުގައި އިން މ. ފަންއަރި / މާލެ، އަޙްމަދު އައުސަމް ޙަނީފް (26އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓް ހިނގިއިރު ދެ މީހުން ވެސް ތިބީ މަސްތުގެ ޙާލަތުގައި ކަމަށާއި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި ނޮވެމްބަރު މަހު 8 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އިތުރަށް ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ.

