ހުޅުމާލެ އިންޖީނުގޭގެ ތެޔޮ ރައްކާކުރާ ޓޭންކުތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފި އެވެ.
މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާ މާލެ ޕަވަ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމުކުރާ ހުޅުމާލެ ޕަވަހައުސް އެނެކްސް ދޭއްގައި ބަހައްޓާ 80،000 ލީޓަރުގެ ދެ ތެޔޮ ޓޭންކު ޑިޒައިންކޮށް، ފެބްރިކޭޓް ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ.
މަސައްކަތާ ހަވާލުވުމަށް ފަހު އެމްޓީސީސީން ބުނެފައިވާ ގޮތުގައި ޓޭންކުތަކާ އެކު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރާ އެއްވަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރެވި، ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް އޮންނަ އިތުބާރު ކަށަވަރުކުރެވިގެންދާނެ ކަމުގަ އެވެ.
ތެޔޮ ޓޭންކުތައް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތުގެ ތެރެއިން ޓޭންކުތަކުގައި އިތުރު ފަށަލައެއް ލުމުގެ ގޮތުން ކޮންކްރީޓް ޖެހުމާއި ދެ ޓޭންކު ހަރުކޮށް، ފެބްރިކޭޓް ކުރުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ކޮށްފަ އެވެ.
ޓޭންކުތަކުގެ މަސައްކަތް ނިންމުމަށް ފަހު އެމްޓީސީސީން އިއްޔެ ބުނީ ހުޅުމާލެއަކީ ގްރޭޓާ މާލެ އޭރިއާގައި އުމްރާނީ އަދި އިގުތިސޯދީ ގޮތުން އެންމެ ކުރިއަރަމުން އަންނަ އެއް ސަރަހައްދު ކަމަށެވެ. މަސައްކަތް ނިމުމާ އެކު ހުޅުމާލޭގައި ދިރިއުޅޭ އާންމުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ހިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ހުޅުލެއަށް ބޭނުންވާ ކަރަންޓު ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނަނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށެވެ.