މި ރިޔާސީ ދައުރުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގަތުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ބުރު އޮގަސްޓް މަހު ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ފަށާފައިވާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދެ ފަހަރު ކޮންމެ ރަށަށަށް ވަޑައިގަންނަވާ ވައުދު ފުއްދަވާނެ ކަމަށެވެ. ފުރަތަމަ ފަހަރު ކޮންމެ ރަށަކަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު މި އަންނަ އޮގަސްޓް މަހަށް ނިމޭނެ ކަމަށެވެ.
ދައުރުގެ ތެރޭގައި 2 ފަހަރު ރަށްތަކަށް ދިއުމުގެ ވައުދު ފުއްދާނަން.
“ފުރަތަމަ ބުރުގައި ނުދެވި ހުރި ރަށްތަކަށް މެއި ފަހުގެ ފެށޭ ތަނުން ދަތުރުތައް ކުރާނެ. މިހާރުގެ ޕްލޭނަކީ އޮގަސްޓުގެ ތެރޭގައި ހުރިހާ ރަށަކަށް ގޮސް ނިންމުން،” ރައީސް ވިދާޅުވި އެވެ.
ދެން އޮތް ފުރަތަމަ ދަތުރުގެ މަންޒިލަކީ މ. މުލި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ މީމު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށާ ވެސް އެކު އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަން ފާހަގަ ކުރެއްވި އެވެ.