ހިޖުރައިގެ ސަވާބާއި ދަރުމަ ލިބޭނީ އެ ކަމުގައި ހިޖުރަވެރިޔާގެ ނިޔަތުގެ މައްޗަށް ކަމަށާއި ސަވާބާއި ދަރުމަ ހުރި ހިޖުރައަކަށް އެ ހިޖުރަ ވާނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ޓަކައި ކުރި ހިޖުރައަކަށްވާ ނަމަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހިޖުރައިގެ އިބުރަތްތަކުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައި ވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ހާދިސާ އާ ކަމަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާ ކަމަށެވެ. މި ފެށޭ ހަފުތާއަކީ ހިޖުރީ އާ އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރަ އާ މެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމުގައި ފާހަގަކޮށް ހުތުބާގައި ބުނި ގޮތުގައި ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމުގަ އެވެ.
ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް އިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމުގަ އެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމުގަ އެވެ. ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވީ ރަށާއި އާއިލާގެ ބޭފުޅުން އިސްލާމްދީނުގެ ދިފާއުގައި ދޫކުރައްވާފައި ކަމުގަ އެވެ. މައްކާ ދޫކުރައްވައި ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ހަދީސްކުރެއްވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހޭ ކަމުގަ އެވެ.
ހުކުރު ހުތުބާގައި ބުނީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެ ކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސައިފައިވުން ކަމަށެވެ. ހިޖުރައިގެ ދަތުރުފުޅުގެ މަސައްކަތްތައް ވަނީ ވަރަށް ފުރިހަމައަށް ބަހާލެވިފައި ކަމަށެވެ.
ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ފިލާވަޅު ކަމަށެވެ. އެ ފިލާވަޅުން އިބުރަތް ލިބިގަނެ، ހުރިހާ ވަގުތެއްގައި ވެސް އިސްލާމްދީން މަތީގައި ތެދުވެރިކަމާ އެކު ތިބުމަށް އަޒުމު ކަނޑައަޅައި އުހުރަވީ ހަޔާތް ބާއްޖަވެރިކުރެވޭތޯ މަސައްކަތް ކުރަން ޖެހޭކަން ހުތުބާގައި ފާހަގަކުރި އެވެ.
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި ހިޖުރައިގެ މަތިވެރި ހާދިސާއަށް ފުން ނަޒަރަކުން ބަލައިލާއިރު، މި ހާދިސާއިން ގިނަގުނަ އިބުރަތްތަކެއް ލިބޭ ކަމުގަ އެވެ. އެގޮތުން ކަންކަމުގައި ﷲ އާ ވަކީލުކުރަން ޖެހުމަކީ ހިޖުރައިގެ ހާދިސާއިން ލިބޭ ފިލާވަޅެއް ކަމުގަ އެވެ. މާތް ﷲ އާ ވަކީލުކުރުމަކީ އެއްވެސް ހާލެއްގައި ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ތިބުން ނޫން ކަމަށާއި އެއީ ކަންކަން ކުރުމުގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، ﷲ ގެ ހަޟުރަތުން ރައްކާތެރިކަމާއި ތައުފީގު ލިބޭނެ ކަމަށް ޔަގީންކޮށްގެން ހުރުން ކަމުގަ އެވެ.
ކީރިތި ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. “ފަހެ އެ މީހަކު ހިޖުރަކުރީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ޓަކައި ކަމުގައިވާ ނަމަ، އެ ހިޖުރަ ވާހުށީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ޓަކައި ކުރި ހިޖުރައެއް ކަމުގަ އެވެ.”
ހިޖުރައިގެ ސަވާބާއި ދަރުމަ ލިބޭނީ އެ ކަމުގައި ހިޖުރަވެރިޔާގެ ނިޔަތުގެ މައްޗަށް ކަމަށާއި ބައެއް މީހުން ދުންޔަވީ ފައިދާއެއް ހޯދުމަށް ނުވަތަ މީހަކާ ކާވެނިކުރުމަށް ވެސް ހިޖުރަކޮށް އުޅޭ ކަމަށް ހުތުބާގައި ބުންޏެވެ. އެހެންނަމަވެސް ސަވާބާއި ދަރުމަ ހުރި ހިޖުރައަކަށް އެ ހިޖުރަ ވާނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ޓަކައި ކުރި ހިޖުރައަކަށްވާ ނަމަ ކަމުގައި ފާހަގަކުރި އެވެ.