
ހިޔާ ފްލެޓްތަކުގެ 4 ޓަވަރެއްގައި ލިފްޓު ހަރުކޮށް އާންމުންނަށް ހުޅުވާލާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ހިޔާ ޓަވަރުތަކުގައި އިތުރުކުރޭ ލިފްޓުތަކުގެ މަސައްކަތުގެ، %75 މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ޓަވަރު 1، 2، 3 އަދި 4 ގެ %100 މަސައްކަތްނިމި އާންމުންނަށް މިހާރު ބޭނުން ކުރެވޭނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ދެން އެންމެ އަވަހަށް މަސައްކަތްނިމި ޚިދުމަތް ދެވެން ފަށާނީ ޓަވަރު 5 އަދި 6 ކަމަށާއި އެ ދެ ޓަވަރުގެ ވެސް %90 މަސައްކަތް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
ޓަވަރުތަކުގައި ހަރުކުރެވޭ އައު ލިފްޓުތަކުގައި ބަލި މީހުން އުފުލޭނެ އިންތިޒާމާއި ސްޓްރެޗަރ އެރުވޭނެ ގޮތަށް ހުންނާނެކަމަށާއި ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފްލޯ ނަންބަރު ބްރެއިލްއިން ހަރުކުރެވިފައި ހުންނާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން މުޅި މަޝްއޫޢުގެ %50 މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ވީއެންމެ އަވަހަށް ހުރިހާ ޓަވަރުގެ ފްލެޓުތަކުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ބުނެއެވެ.

