
ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު (ރުއްގަނޑު 3) ސަރަހައްދުގައި ފޮތް ކިޔުމަށް ހާއްސަކޮށް “ރީޑިން ނުކް” އެއް ގާއިމްކޮށް، މިއަދު އެތަން ހުޅުވައިފިއެވެ.
މިއީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން، އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި, ފޮތް ކިޔޭނެ މަގުފަހިކުރުމަށް ގާއިމްކުރެވުނު ނުކް އެއްކަމަށް އެޗްޑީސީން ބުންޏެވެ.
އެގޮތުން ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ވެސް އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ފޮތްތައް މި ނުކްގައި ހުންނާނެކަމަށް އެޗްޑީސީން ބުންޏެވެ.
އޭގެ ތެރޭގައި، އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތައް، ޓީން ފިކްޝަން ފޮތްތައް، ދިވެހި ބަސް އުނގެނުމަށް ހާއްސަ ފޮތްތައް، އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައް ވެސް ލިބެން ހުންނާނެއެވެ.
ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން ފޮތް ކިޔަން ބޭނުންނަމަ، ނުކް އިން ފޮތް ނެގުމަށްފަހު، އެ ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައި ވެސް ފޮތް ކިޔަން ތިބެވޭނެ ކަމަށާއި ނަމަވެސް އެ ސަރަހައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ ރައްދުކުރަންވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ރީޑިންގ ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށް ކަމަށެވެ.

