
ހިޔާ ފްލެޓުތަކުގެ އެއްބަސްވުމާއި އަގަށް ގެނައި ބަދަލުތައް އެޗްޑީސީގެ ޕޯޓަލްއިން ފެންނަ ގޮތް ހަދައިފި އެެވެ.
އެޗްޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަކުރަން ޖެހޭ ލިޔުންތައް ފުރިހަމަ ކުރުމަށް ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ އިސްލާހު އަދި ފްލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލުތައް “މައި ހުޅުމާލެ ޕޯޓަލް” އިން މިހާރު ފެންނަން ހުންނާނެ ކަމަށެވެ.
އެހެންވެ ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުން މައި ހުޅުމާލެ ޕޯޓަލް ވެބް ލިންކު މެދުވެރިކޮށް އެއްބަސްވުމުގެ އިސްލާހު ފުރިހަމަކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނިމިގެން ދިޔަ ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅީ މަހަކަށް 7500 ރުފިޔާ އެވެ. ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 5300 ރުފިޔާ އަށް ކުލި ކުޑަކޮށްދިނެވެ.
އަދި އޭގެ ފަހުން މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތްތަކަށް ފްލެޓުތަކުގެ ވެރިން ކުރި ހަރަދަށް ބަދަލުދޭން ނިންމައި އެ ބަދަލަށް ކުލި އަނެއްކާވެސް އަގު ހެޔޮކޮށްދީފަ އެވެ. އެއާއެކު މިހާރު ހިޔާ ފްލެޓުތަކުގެ ކުލީގެ އަގަކީ މަހަކު 4984 ރުފިޔާ އެވެ.
