
ހިޔާލުފާޅުކުރާއިރު އިސްލާމްދީނަށް އިހުތިރާމްކުރަން ޖެހޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުން ގެނެސްދިން ލިޔުމެއްގައި ހިމެނި ކާޓޫނެއްގައި އިސްލާމް ދީނަށް ކުޑައިމީސްވާ ކަމަށް ބުނެ އެ ކާޓޫން ނަގަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންއިން ވަނީ އަންގައިފައެވެ.
އެ މައްސަލަ ބޮޑުވެފައިވަނިކޮށް އިސްލާމިކް މިނިސްޓަރު އެކްސްގައި މިއަދު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަގުސަދަކަށްޓަކައި ހިމާޔަތްކޮށްފައިވާ މިނިވަންކަމެއް ކަމަށާއި އަދި އެއީ މަތިވެރި ހައްގެއް ކަމަށެވެ.
ނަމަވެސް ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މިނިވަންކަމެއް. އެއީ މަތިވެރި ޙައްޤެއް. ނަމަވެސް ސިޔާސީ ގޮތުން ޚިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ޙުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިޙުތިރާމްކުރަންޖެހޭނެ. ރާއްޖޭގެ ޤާނޫނު…
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 23, 2026
“ރާއްޖޭގެ ގާނޫނު އަސާސީގައި ހިޔާލުފާޅުކުރުމުގައި ދީފައިވާ މިނިވަންކަމުގެ ރޫޙަކީ ވެސް އެއީ. އިސްލާމްދީނުގެ ހުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އެންމެހައި މުސްލިމުން އިހުތިރާމްކުރަންވާނެ” މިނިސްޓަރު ވިދާޅުވިއެވެ.
އަދަދުގެ ކާޓޫން ނަގަން އެންގި މައްސަލައިގައި އެ ނޫހުން ވަނީ ކާޓޫން ދިފާއުކޮށްފައެވެ. އަދި އެ މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވެސް ވަނީ ސަރުކާރަށް ފާޑުކިޔައި މީޑިއާ ކޮމިޝަން ސަރުކާރުން ކޮންޓްރޯލް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

