
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، ދައުލަތުން 23 ދައުވާ އުފުލައިފައިވާ، މއ. ހަނީސަކްލް / ހުސެއިން ޝިފާއު 109 އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޝިފާއުގެ މައްޗަށް ސާބިތުވެފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ކަމުގައިވާ “ކިންގްޑަމް އޮފް ފުރުޓްސް” މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކަކުން މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދުމެވެ.
އެގޮތުން 1.9 މިލިއަން ރުފިޔާއަށް އޭނާ ވަނީ ހިޔާނާތްތެރިވެފައިއެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އާއި މަނީލޯންޑަރިންގެ 7 ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 9 ދައުވާއެވެ. މި ދައުވާތަކަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އަދަބު ކަނޑައަޅާފައެވެ.
އެގޮތުން؛
- މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ – 30 އަހަރުގެ ޖަލު ހުކުމެއް
- އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 9 ދައުވާ – 9 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް
- މަނީލޯންޑަރިންގެ 7 ދައުވާ – 70 އަހަރުގެ ޖަލުހުކުމަކާއި، 7 މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެއް
މި އަދަބުތައް އެއްކޮށްލުމުން ޖުމްލަ 109 އަހަރުގެ ޖަލު ހުކުމެއް ޝިފާއު ތަންފީޒުކުރަންޖެހެއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ކޯޓަކުން މީހެއްގެ މައްޗަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމެވެ.

