ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ވަޒީފާއިން ވަކިނުކޮށް، އެ ސްކޫލުގެ މުސާރަ ޝީޓުތަކުގައި އެ މުވައްޒަފުގެ މުސާރަ ހިމަނައި ފައިސާ ދޫކުރުމަށް ޑެޕިއުޓީ ޕްރިންސިޕަލް، އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުމާ ގުޅިގެން އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ މައްސަލާގައި ދަޢުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ ދައުވާކުރަން ފޮނުވާފައިވަނީ 18 މޭ ގައި ކަމަށެވެ. އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި އޭރު ހުރި އަލީ އާދަމް (ހިޔާވެހި/ ލ.މުންޑޫ) ގެ މައްޗަށެވެ.
މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ސިވިލް ސާވީސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް އެޑިއުކޭޝަނަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ އެ މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99ރ ގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ ލ.މުންޑޫ ސްކޫލަށް އަންގާފަ އެވެ.