
އިންޑިއާއާއި ތުރުކީގެ މެދުގައި މެދުކެނޑިފައި އޮތް މަތީ ފަންތީގެ މަޝްވަރާތައް ހަތަރު އަހަރަށްފަހު އަލުން ފަށާފައިވާ ކަމަށް ނިއުދިއްލީގައި ހުންނަ އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިންޑިއާ-ތުރުކީ ފޮރިން އޮފީސް ކޮންސަލްޓޭޝަންސް (އެފް.އޯ.ސީ) ގެ 12 ވަނަ ބުރު ބުދަ ދުވަހު އޮތީ އިންޑިއާގެ ނިއުދިއްލީގައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ (ވެސްޓް) ސިބީ ޖޯޖް އަދި ތުރުކީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ބެރިސް އެކިންޖީއެވެ.
އެފް.އޯ.ސީގެ އެންމެ ފަހު ބުރެއް މީގެ ކުރިން ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހު ތުރުކީގެ އަންކާރާގައެވެ.
“މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓް، ފަތުރުވެރިކަން، ޓެކްނޮލޮޖީ އަދި އާ އީޖާދުތައް، ހަކަތަ، ތައުލީމީ އަދި ސަގާފީ ދާއިރާއިން އެއްބާރުލުން ދިނުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ މައްޗަށެވެ،” އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ފުޅާ ދާއިރާއެއްގެ މުރާޖައާއެއް ކުރުމުގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ އެކި މައްސަލަތަކާ ބެހޭގޮތުން ވެސް ޚިޔާލު ބަދަލުކުރެވުނެވެ. އެފް.އޯ.ސީގެ ދެން އޮންނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ތުރުކީގައެވެ.
މި ހަފުތާގެ ކުރީކޮޅު އިންޑިއާއިން ވަނީ އަޒަރުބައިޖާނާއެކު ވެސް ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
އިންޑިއާއާއި ތުރުކީގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އައީ، 2025 ވަނަ އަހަރުގެ މެއި މަހު ދެކުނު އޭޝިއާގައި ހިނގި އަސްކަރީ ކުރިމަތިލުމެއްގައި ތުރުކީން ޕާކިސްތާނަށް ތާއީދުކުރުމާ ގުޅިގެންނެވެ.
އޭރު އެ ކުރިމަތިލުމާ ގުޅޭގޮތުން ބޭރުގެ ސަފީރުންނަށް އިންޑިއާއިން ދިން މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް، ތުރުކީން ޕާކިސްތާނަށް ކުރި ތާއީދާ ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާއިން ތުރުކީއަށް ދައުވަތު ދީފައެއް ނުވެއެވެ. މީގެ އިތުރުން، ތުރުކީއާއި އަޒަރުބައިޖާން ފަދަ ގައުމުތަކުން ޕާކިސްތާނަށް އަސްކަރީ ސާމާނު ފޯރުކޮށްދޭ މައްސަލައިގައި ވެސް އިންޑިއާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއާއި އީރާނުގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި ހަނގުރާމަ ހުއްޓާލުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ތުރުކީގެ އިތުރުން މިސްރު، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުން މުހިންމު ދައުރެއް އަދާކުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
‘ދަ ހިންދޫ’ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތުރުކީން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ މުރާތު އާސޯއި ވިދާޅުވީ، މިއީ އަންކާރާއާއި ނިއުދިއްލީގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް އައު ދިރުމެއް ގެންނަންވީ ވަގުތު ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ބައްދަލުކުރެއްވީ 2023 ވަނަ އަހަރު ނިއުދިއްލީގައި ބޭއްވި ޖީ20 ސަމިޓްގައެވެ. އަދި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު އެންމެ ފަހުން ތުރުކީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އާސިއާން (ASEAN) ސަމިޓުގެ ހަވާސާގައެވެ.

