ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ 12 ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކުރުމަށް ފަހު، އެންމެ ގިނަ މާކްސް ދިނީ ހަމީދާއި ސަލީމަށެވެ. އަދި މެންދުރުފަހު ކޮމިޝަނުގެ ބައްދަލުވުމެއް ބާއްވައި، މާކްސް ލިބިފައިވާ ތަރުތީބުން ރައީސް އޮފީހަށް ލިސްޓު ފޮނުވަން ފާސްކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްކޮށް އެބަ އޮތެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމުގައި ތިއްބެވި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުން ދޫކުރުމަށް ދެ ބޭފުޅުން ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނާ މައްސަލާގައެވެ.
މައްސަލައިގައި އަމަލުކުރަމުންދިޔަ ގޮތާ މެދު އދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި އެކި ގައުމުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކޯޓުގައި ބާކީ ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން، ޑރ. މުހައްމަދު އިބްރާހިމް، އަލީ ރަޝީދު ހުސައިން، ހުސައިން ޝަހީދުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދެވެ.
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރައްވާފައި ވަނީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ ފެބްރުއަރީ މަހު މި ފަނޑިޔާރުން ސަސްޕެންޑްކުރީ، ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީން ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފެށުމަށް ކުޑަތަން ވެފައި ވަނިކޮށެވެ.
މި ފަނޑިޔާރުން ސަސްޕެންޑްކޮށް ޖޭއެސްސީން ސުލޫކީ މައްސަލަތަކެއް ބެލީ މި ބުނާ މައްސަލައަށް ނުފޫޒު ފޯރުވަން ވެގެން ކަމަށް އެ ފަނޑިޔާރުން ތުހުމަތުކުރައްވާފައިވެ އެވެ. ނަމަވެސް ޖޭއެސްސީގައި ތިއްބެވި ސަރުކާރުގެ އިސް ބޭފުޅުން މި ކަން ވަނީ ދޮގުކުރައްވައިފަ އެވެ.