ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި، މި ސަރުކާރުގެ ސިޔާސީ އިސް މަގާމެއް ވެސް އަދާކުރެއްވި މުހައްމަދު ޝަހީދު އޭނާގެ ނަން އަނބުރާ ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
މި ސަރުކާރުގެ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރަން ޖޭއެސްސީން ނިންމީ މިދިޔަ ހަފްތާގަ އެވެ.
އެހެން ނަމަވެސް ޝަހީދު އައްޔަން ކުރުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވަނީ ވައްދާފަ އެވެ. އަހުމަދު ނައުޝާދު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ފުރިހަމަނުވާ މީހެއްކަން ކަނޑައަޅައި ދިނުމަށެވެ.
އަދި ސިވިލް ކޯޓުން އެ މައްސަލަ ބަލައިގަނެފައިވާއިރު، ނަން ނަގައި ދިނުމަށް އެދި ޝަހީދު، ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވާކަން ވަނީ އެނގިފަ އެވެ.
އަދި ނަން އަނބުރާ ނަގަން އެދިވަޑައިގެންނެވީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.