
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ފައިސަލް މުހައްމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިކަން ހައި ކޯޓުން ސޯޝަލް މީޑިއާގައި މިއަދު މެންދުރު ކުރި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެއާއެކު ހައި ކޯޓު ހިންގުން އަބްދުﷲ ޖަމީލު މޫސާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ހައިކޯޓުން އިތުރަށް ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާއާ ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަމުންދާކަން ވަނީ އެނގިފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވި ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ފައިސަލް ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމް ހިމެނެއެވެ. އޭގެ އިތުރުން އޭނާ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުން، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ވެސް ކުރައްވާފަ އެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު ހައިކޯޓުގެ އިތުރު ހަތަރު ފަނޑިޔާރެއްގެ މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުން ނެވެ.

