
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހާ ގުޅިގެން މުޅި ރާއްޖޭގައި ސްކްރީނިންގެ ހަރަކާތްތަކެއް ބާއްވަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން ނިންމައިފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި، ސިއްހީ ހިދުމަތްދޭ ތަންތަނާއި މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން، މައުލޫމާތުދީ ސްކްރީނިންގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ތަފްސީލެއް އެޗްޕީއޭއިން ނުދެއެވެ. އަދި އެ ހަރަކާތްކުރިއަށް ގެންދާނީ ސީދާ ކޮން ދުވަހަކު ކަމެއް ވެސް ނުބުނެ އެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން މައުލޫމަތު ދިނުމުމުގެ ސެޝަންތަކެއް ވެސް ރާވައިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އަދި އައިޖީއެމްއެޗާއި އެޗްޕީއޭ ގުޅިގެން ސޯޝަލް ސެންޓަރުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވައިފަ އެވެ.
ހަކުރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްވަނީ ހަކުރުބަލި ތަހަމަލް ކުރަމުން ގެންދަވާ ބައެއް ފަރާތްތައް ދިރިއުޅޭ ގެގޭއަށް ޒިޔާރަތް ކުރަށްވާ އެފަރާތްތަކުގެ ހާލު ވެސް ބައްލަވާފައެވެ.
ހަކުރު ބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ މަތިވުމުން ދިމާވާ ސިއްހީ މައްސަލައެކެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ “ޓައިޕް 1 ޑައިބެޓީސް” އަދި “ޓައިޕް 2 ޑައިބެޓީސް” އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

