ދައުލަތުގެ ބަޖެޓުން މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.3 އިންސައްތަ ދަށަށް ގޮސް، ބަޖެޓުގެ އޯވައޯލް ބެލެންސް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފި އެވެ.
މެއި 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން އެ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 16.3 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދު 2 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 65.5 އިންސައްތައިން ދަށްވެފަ އެވެ.
ރިކަރަންޓް ހަރަދުގެ 57.1 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، އެއީ 2024 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ ނިޔަލަށް މިފަދަ ހަރަދަށް ހޭދަކޮށްފައިވާ މިންވަރާ އަޅާބަލާއިރު 6.8 އިންސައްތަ ދަށް އަދަދެކެވެ. އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 69.6 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ހަރަދު ވަނީ 24.1 އިންސައްތައިން ދަށްވެފަ އެވެ.
ހަމަ އެގޮތަށް ބަޖެޓުން ދަތުރުފަތުރު ކުރުމަށް ކުރެވޭ ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 14.6 އިންސައްތައިން ދަށްވެފަ އެވެ. އަދި ދައުލަތުން އެކި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 24.4 އިންސައްތައިން ވަނީ ދަށްކޮށްފަ އެވެ.
އެ ހަރަދުތައް ދަށްކޮށްފައި ވިނަމަވެސް އާސަންދައަށާއި ހިދުމަތް ދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި ލޯނުގެ ހިދުމަތަށް ހަރަދުކޮށްފައިވާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ދައުލަތުން ނަގާފައިވާ ލޯނު ކޮމިޓްމަންޓްތަކަށް އަނބުރާ ދެއްކި ފައިސާގެ މިންވަރު 2024 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލާ އަޅާބަލާއިރު 151.8 އިންސައްތަ އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 47.1 އިންސައްތަ ވަނީ އިތުރުވެފަ އެވެ.
އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ބަޖެޓުން ހޭދަކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ. އެގޮތުން މަގުތަކާއި ބްރިޖާއި އެއާޕޯޓުތަކަށް ހިނގާފައިވާ ހަރަދު ހިމަނައިގެން އިންފްރާސްޓްރަކްޗާ އެސެޓުތަކަށް 1.2 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ. މިއީ މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ބަޖެޓުގައި މިފަދަ ކަންކަމަށް ހިނގާނެ ހަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވާ މިންވަރުގެ 10.8 އިންސައްތަ އެވެ.
މި އަހަރަށް އެކުލަވާލާފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އަހަރުގެ މިހާތަނަށް އެފަދަ ޕްރޮގްރާމުތަކަށް ހޭދަކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކުރި ނަމަވެސް މި އަހަރު ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 811.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ޕީއެސްއައިޕީ އާ ގުޅޭ ތަފާތު އެކި ސިޔާސަތުތައް ހަރުދަނާ ކުރުމަށް މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާ އެކު، މިފަދަ ޕްރޮގްރާމުތަކަށް ބަޖެޓުން ކުރާ ޖުމްލަ ހަރަދު ވަނީ ކުޑަކޮށްފަ އެވެ.
މިދިޔަ ހަފުތާގެ ނިޔަލަށް ބަޖެޓުން 19.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 3 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން ރިކަރަންޓް ހަރަދު 2 އިންސައްތައިން އަދި ކެޕިޓަލް ހަރަދު ވަނީ 65.5 އިންސައްތައިން ދަށްވެފަ އެވެ. އެ އާއެކު، ދައުލަތުގެ ބަޖެޓުގެ އޯވާއޯލް ބެލެންސް 1.2 ބިލިއަން ރުފިޔާގައި ވަނީ ހިފެހެއްޓިފަ އެވެ.