
ދިވެހިރާއްޖެ ބަނގުރޫޓްވެ، ގޮތްހުސްވެގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްތިއުފާ ދެއްވާނެކަމަށް އުންމީދުކޮށް ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަތް ޖަހައި އުފާ ފާޅުކޮށް، އެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށް މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޒަރީރު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، ދިވެހިރާއްޖެ 125 ބިލިއަން ރުފިޔާއިން ދަރަނިވެރިވެ ބަނގުރޫޓުވުމުގެ ފުރުސަތު އޮތް ވަގުތެއްގައި ކަމަށާއި ދަޢުލަތުގެ ކުންފުނިތަކުން 20 ބިލިއަން ރުފިޔާ ޕްރައިވެޓް ސެކްޓަރއަށާއި ދަޢުލަތަށް ދައްކަންޖެހިފައި އޮތުމުން، އެ ކުންފުނިތައް ވެސް އޮތީ ބޮޑު ދަރަންޏެއްގެ ތެރޭގައި ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި މާލީ އިދާރާތަކުން ޤައުމު ބަނގުރޫޓު ވެދާނެކަމުގެ އިންޒާރުދީފައިވާތީ އެމްޑީޕީ މެންބަރުން ތިބީ ރައީސް މުޢިއްޒުއަށް ތިން މަސް ދުވަހު ވެސް ހިފަހައްޓާ ނުލެވޭނެކަމަށް ބުނެ އުފާ ފާޅުކުރަން ކަމަށް ޒަރީރު ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް ތިން މަސް ދުވަހު ވެސް ހިފަހައްޓާ ނުލެވޭނެއޭ ދިޔައީ ބުނަމުން. ކޮންމެހެން ސަރުކާރާއި ދެކޮޅަށް ނިކުންނާކަށް ނުޖެހޭނެއޭ. ޤައުމު ބަނގުރޫޓުވާނެ މަގުގައި އޮތުމުން ސަލާމަތް ކުރާނެ ގޮތެއް ނޭނގިގެން ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިއުފާ ދީފަ ވެރިކަން ދޫކޮށްފަ ދާނެއޭ..
މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރީރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރަކުރާރުކޮށް އިރުޝާދުތައްދީ ރަނގަޅަށް ސަމާލުވުމަށާއި، އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލަމުން، ނަމަވެސް އެއިން އެއްވެސްކަމަކަށް އެމްޑީޕީ ވެރިކަމުން ޢަމަލުކޮށްފައި ނުވާކަމަށެވެ. އަދި ޤައުމުގެ ޙާލަތު ވަރަށް ރަނގަޅަށް އެމްޑީޕިއަށް އެނގޭނެކަމަށާއި، އެ ޕާޓިން ބޭނުންވީ ވެރިކަން ނުލިބޭނެކަން އެނގުމާއި އެކު ދެން އުފެދޭނެ ސަރުކާރަކަށް އުނދަގޫކޮށް ޖެއްސުން ކުރަންކަމަށް މެންބަރު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ޙިކުމަތްތެރިކަމާ އެކު މި ހުރިހާ ގޮންޖެހުންތަކަކާއި ކުރިމަތި ލައްވައި، ސަރުކާރު ހަމަމަގަށް އަޅުވައި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދައްކަވާކަމަށާއި ސަރުކާރުގެ ދަރަނިތައް ވެސް ދައްކަވަމުން ގެންދަވާކަން މަތިވެރި ދާއިރާގެ މެންބަރު ޒަރީރު ފާހަގަކުރެއްވިއެވެ.

