
އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މަޤާމުން ވަކިކުރުމަށް، އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި އޭނާގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.
“ދެން” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް، ހުޅުވާލި ޕެޓިޝަނަށް ރެއާ ހަމައަށް ވަނީ 50 އަށް ވުރެ ގިނަ ސޮއި ހަމަކޮށްފައެވެ. އަދި އެ ޕެޓިޝަނުގައި ސޮއިކުރަނީ ގަޕޯ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން އަނެއްކާ ވެސް ހޫނުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގިޅިގެންނެވެ. ހަމައެއާ އެކު، ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ)ގެ އިތުރުން ލީގަލް ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މައުރޫފް ވެސް ވަނީ ދާދި ފަހުން އެ މަޤާމުން ދުރުކޮށްފައެވެ.

