
ޙަޤީޤީ ބާއްޖަވެރިކަން ވަނީ މީހުންގެ ރުހުން ލިބުމަކުން ނޫންކަމަށާއި ﷲތަޢާލާގެ ރުހުން ލިބިގެންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށްފިއެވެ.
މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި، ފައިސާއާއި، ޖާހާއި މަންސަބާއި މަޝްހޫރުކަން ލިބިގެންކަމަށާއި ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިސްލާމީ ޝަރީޢަތަކީ ހަމައެކަނި އަޅުކަން ކުރުމާއި ޙައްދުތައް ޤާއިމުކުރުންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ނަމަވެސް ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފްސުގެ ހަމަޖެހުންކަމަށާއި އެކަން ޙާޞިލްކުރެވޭނީ ﷲ ހަނދުމަކުރުމުންނާއި ﷲއަށް ކިޔަމަންތެރިވުމުންކަމަށް ޚުޠުބާގައި ބުނެދީފައިވެއެވެ.
އިސްލާމީ ޝަރީޢަތުގައި ޢަޤީދާއާއި އަޅުކަމާއި އަޚްލާޤާއި ޢާއިލީ ގުޅުންތަކާއި ތަރިކައާއި އިޤްތިޞާދާއި ސިޔާސީ އަދި ބައިނަލްއަޤްވާމީ ގުޅުންތަކާއި ހަމަހަމަކަމާއި ޢަދުލު އިންސާފާއި މިފަދަ ހުރިހާކަމެއް ހިމެނިފައިވާކަމަށް ހުކުރު ޚުޠުބާގައި ބުނެދީފައިވެއެވެ.
އެހެންކަމުން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދޭނަމަ މާތްﷲ އަށް ތަޤުވާވެރިވުމަށާއި އެކަލާނގެ އަމުރުފުތަކަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމަށާއި ﷲތަޢާލާ ނަހީކުރެއްވި އެންމެހާ ކަމަކުން ދުރުހެލިވުމަށް ވެސް ހުކުރު ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.

