
ޙައްޖުގެ އަޅުކަމަށް ހޭދަކުރާ ފައިސާއަކީ ޙަލާލު ފައިސާއަށްވުމާއި ދެއްކުންތެރި ކަމެއްނެތް އަޅުކަމަކަށް ހެދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މަބްރޫރު ޙައްޖެއް އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައި “ހެޔޮ ގޮތުގައި ވެވޭ ޙައްޖު” މި މައުޟޫޢުއަށް ޚާއްޞަކޮށްގެން އިއްވި މި ޚުޠުބާގައި ވަނީ، މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހުން ވީހާވެސް އަވަހަކަށް ޙައްޖުގެ މަތިވެރި ފަރުޟު އަދާކުރުމަށް ބާރުއަޅުއްވައިފައެވެ. އަދި އުމުރުން އެއް ފަހަރު ޙައްޖާއި އުމްރާވުމަކީ ކުޅަދާނަކަން ލިބިގެންވާ މީހުންގެ މައްޗަށް އޮތް ވާޖިބެއްކަމަށާއި، މިކަމުގައި ކުޅަދާނަކަންކަމަށް ބަލަނީ ޞިއްޙަތު ސަލާމަތުން ހުރުމާއި، ދަތުރުފަތުރުގެ މަގުތައް އަމާންވުމުގެ އިތުރުން މާލީ ތަނަވަސްކަން ހުރުން ކަމަށް ބަޔާންކޮށްފައިވެއެވެ. މި އަޅުކަން ގިނަގިނައިން އަދާކުރުމަކީ ދަރުމަ ބޮޑުވެގެންވާ ސުންނަތެއްކަންވެސް ފާހަގަކުރެއްވިއެވެ.
ޙައްޖަށް ފުރަން ގަސްތުކުރާ މީހާ ދަތުރު ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ވާކަން ފާހަގަކުރައްވައި، ޚުޠުބާގައި ވަނީ ތެދުވެރި ތައުބާއަކުން ފާފަފުއްސެވުމަށް އެދުމަށާއި، އަދާކުރަންޖެހޭ ދަރަންޏާއި ލިބެންހުރި ހައްގުތައް ލިޔެ ރައްކާކުރުމަށް އިރުޝާދުދެއްވާފައެވެ. އޭގެ އިތުރުން، މި މަތިވެރި އަޅުކަމަށް ކުރާ ދަތުރުގެ ހުރިހާ ޚަރަދެއްވެސް ވާންޖެހޭނީ އެއްވެސް ޝައްކެއް ނެތްގޮތުގައި ޙަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާއަށް ކަމުގައި ތަކުރާރުކޮށް ހަނދާންކޮށްދެއްވިއެވެ.
އެއްވެސް އަޅުކަމެއް މާތް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ އަމަލަކަށް ވާނީ ދެއްކުންތެރިކަމުން ދުރުހެލިވެ، ނިޔަތް ޚާލިޞްކޮށްގެންކަން ޚުޠުބާގައި ސަމާލުކަމަށް ގެނެސްދެއްވިއެވެ. އެގޮތުން، ޙައްޖާއި އުމްރާގެ މަނާސިކުތައް އަދާކުރަންވާނީ ކީރިތި ރަސޫލާ އަންގަވާފައިވާ ސުންނަތާ އެއްގޮތަށްކަމަށާއި، އެ ކަންކަމުގެ ޝަރުޢީ ހުކުމްތައް ދުރާލާ އުނގެނި ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އަންގަވާފައިވެއެވެ.
ޚުޠުބާ ނިންމަވައިލައްވަމުން ވަނީ، މަބްރޫރު ޙައްޖެއް ނުވަތަ ޤަބޫލުވެވިގެންވާ ޙައްޖެއްގެ ޘަވާބަކީ ސުވަރުގެކަން ހަނދާންކޮށްދެއްވައި، އެފަދަ ޙައްޖެއް ލިބިއްޖެކަމުގެ އެންމެ ބޮޑު ނިޝާނަކީ ޙައްޖުން އެނބުރި އައުމަށްފަހު މީހާގެ އުޅުމާއި އަޚުލާޤު ހެޔޮ މަގަށް ބަދަލުވެ، ނަހީކުރެއްވި ކަންކަމުން ދުރުވެ، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުންމަތީ ދެމިހުރުންކަން ފާހަގަކުރައްވައިފައެވެ.

