
މިއަދު މެންދުރު ފަހު ލ.ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ކަރަންޓް ޚިދުމަތް މެދުކެނޑިފައި އޮތުމަށް ފަހު މިރޭ މުޅި ރަށަށް ކަރަންޓް ދީފިއެވެ.
ފެނަކައިން ބުނެފައި ވަނީ އަލިފާނުގެ ހާދިސާގެ ސަބަބުން މެންދުރު 2:45ގައި ކަރަންޓް ކެނޑުނު ފަހުން, އެމްއެންޑީއެފްގެ އެހީގައި އަލިފާން ނިވި، އަދި ޓެކްނިކަލް ޓީމްގެ އެހީގައި މައްސަލަތައް ހައްލުކޮށް މުޅި ރަށަށް ކަރަންޓްދީފައިވާ ކަމަށެވެ. އަދި މިހާދިސާގައި ފެނަކައިން ބެލި ބެލުމުން ގެއްލުންވެފައިވަނީ ގަމަށް ކަރަންޓުދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނަށްކަމަށް ފެނަކައިން ބުނެފައިވެއެވެ.
މީގެ އިތުރުން ކަރަންޓު ކެނޑުނު ވަގުތު އެރަށުން ފެނުގެ ޚިދުމަތް ވެސް ކެނޑުނުކަމަށާއި ނަމަވެސް އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ. އަދި އެރަށުގެ ނަރުދަމާއަށް މައްސަލައެއް މީގެ ސަބަބުން ކުރިމަތިނުވާކަމަށް ވެސް ފެނަކައިން ބުނެއެވެ.
5000އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ގަމަކީ ލ.އަތޮޅުގައި އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ. ކަރަންޓް މެދުކެނޑުމުގެ ސަބަބުން ގަމުގެ ބައެއް މީހުން މިރޭ ހޭދަ ކުރީ އެއްފަސްކޮށް އޮތް ފޮނަދޫގައެވެ. އަދި އެ ފަދަ މީހުންނަށް ފޮނަދޫގެ ގޭގެއިން ހިލޭ ބޯހިޔާވަހިކަން ދީފައި ވެއެވެ.

