ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް ފަސް ލޯންޗު ހަދިޔާކޮށްފިއެވެ.
ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެ އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.
އަދި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
މިއަދު ރަސްމިއްޔާތުގައި ކޮމިޝަނާ ވަނީ ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ހިދުމަތަށް ވެދެއްވި އެހީތެރިކަމާއި އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި މިއަދު ހަދިޔާކުރި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ޖަޕާނުން އެފަދަ އުޅަނދުތަކެއް ފުލުހުންނަށް ހަދިޔާކުރި ފުރަތަމަ ފަހަރެއް ނޫނެވެ.
އެގޮތުން މިދިޔަ މަހު ވެސް ޖަޕާން ސަރުކާރުން ފުލުހުންގެ ހިދުމަތަށް ވަނީ 54 ކާރާއި ހަތަރު ވޭން ހަދިޔާކޮށްފަ އެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކަރސަރ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓުގެ އިތުުރުން އެހެނިހެން ތަކެތި ވެސް ހަދިޔާކޮށްފައިވެއެވެ.