
ޖަޕާނަށް މިރޭ ރާއްޖެ ގަޑިން 19:32 އެހާއިރު އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ބޭރުގެ މީޑިއާތަކުން ބުނާ ގޮތުން، މި ބިންހެލުން އައިސްފައި ވަނީ ޖަޕާނުގެ އައްސޭރިފަށުން 44 މޭލު (70 ކިލޯމީޓަރު) ދުރުން، ގާތްގަނޑަކަށް 33 މޭލު އަޑިއަށް ކަމަށެވެ. އަދި މިއީ 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށާއި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ.
މި ސަރަހައްދަކީ 2011ވަނަ އަހަރު މާރިޗް މަހު 9.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، ސުނާމީއެއް އަރާފައިވާ ސަރަހައްދެކެވެ.

