
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ބަދަހިކަން ނަގާލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ އެއްވެސް ނަތީޖާއެއް ނުނިކުންނާނެ ބޭކާރު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ.
ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ޕާޓީގެ އެންމެ އިސް ސަފުން ފެށިގެން އާންމު މެންބަރުންނާ ދެމެދު އޮތީ ވަރަށް ވަރުގަދަ އަދި އެކުވެރި ގުޅުމެކެވެ. އިދިކޮޅު ފަރާތްތަކުން އެ މީހުންގެ ވެރިކަމުގައި ހިނގި ފަދަ އެތެރޭގެ ކޯޅުންތައް ޕީއެންސީގެ ތެރެއަށް ގެންނަން އުޅުނު ނަމަވެސް، ސަރުކާރު ހިންގާ ޕާޓީގެ ހުރިހާ މެންބަރުންގެ އަމާޒަކީ ވެސް އެއް ނިޔަތެއްގައި ޤައުމު ތަރައްޤީކުރުން ކަމަށްވާތީ އެފަދަ ފިތުނަތަކަށް ޕާޓީގެ ތެރެއިން ޖާގައެއް ނުލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން ބަޔަކު މަސައްކަތް ކުރިޔަސް، އެކަމަށް ސަމާލުކަންދޭނެ މީހަކު މި ޕާޓީއަކު ނެތް. އަޅުގަނޑުމެން އެންމެންވެސް ތިބީ ރައްޔިތުން ހަވާލުކުރި އަމާނާތް ތެދުވެރިކަމާ އެކު އަދާކުރުމުގެ މަތިވެރި އަޒުމުގައި،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ޕީއެންސީގެ ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކުރުމާ ގުޅިގެން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ވެސް އެމަނިކުފާނު ރައްދުދެއްވިއެވެ. އެގޮތުން، ކޮންގްރެސް އަވަސްކުރަން ޖެހުނު އަސްލު ސަބަބަކީ ކުރިން ހަމަޖެހިފައި އޮތް ތާރީޚު އޯލެވެލް އިމްތިޙާނާ ދިމާވުމާއި، ޤާނޫނީ ގޮތުން ކޮންގްރެސް ބާއްވަންޖެހޭ މުއްދަތު ފާއިތުވަމުންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ޕީއެންސީގެ ކޮންގްރެސްއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މަންދޫބުން ބައިވެރިވެގެންދާނެ ވަރަށް ކާމިޔާބު ހަރަކާތަކަށް ވެގެންދާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

