
ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ ރައްޔިތުން އެ ޕާޓީއަށް ދިން ބާރެއް ކަމަށާއި މިއީ ހިމޭނުން ނުތިބެ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެ ޕާޓީން ނުކުމެ ސަރުކާރުގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކޯޓުތަކަށް ވައްދަން ނިކުންނަންޖެހޭ ވަގުތު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެ ނަތީޖާ ނުކުތީ މިހާރުގެ ސަރުކާރުގެ އަމަލުތަކާ މެދު އާންމުން އިންތިހާއަށް ހިތްހަމަނުޖެހިފައި ތިބުމުން ކަމަށެވެ. އަދި ޕީއެންސީއަށް ވޯޓު ނުދިނުމަށް އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލުމުން، ވޯޓު ބާތިލުކޮށްލުމުގެ ބަދަލުގައި އާންމުން ދެން ހިޔާރުކުރީ އިދިކޮޅުގައި އޮތް ހަމައެކަނި ޕާޓީ ކަމަށްވާ އެމްޑީޕީ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ކާމިޔާބީއާ އެކު އެމްޑީޕީގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ބޮޑުކަން ފާހަގަކުރައްވަމުން ޔާމީން ވަނީ، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ޝަރުއީ ނިޒާމަށް ސަރުކާރުން ފޯރުވަމުންދާ ނުފޫޒުތައް ހުއްޓުވުމުގެ ބާރު ރައްޔިތުން މިހާރު އެމްޑީޕީއަށް ދީފައިވާކަން ހަނދާންކޮށްދެއްވާފައެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކުރުމަށް ވެރިކަމުގައި ތިބުން ލާޒިމު ނޫން ކަމަށާއި، މިހާރު ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް ފަހު މެނުވީ 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދިއުމުގެ ހައްގު އެމްޑީޕީއަށް ނޯންނާނެ ކަމަށެވެ.

