
ބްލޮގަރު ޔާމީން ރަޝީދު ރަހުމު ކުޑަ ގޮތަކަށް މަރާލި މައްސަލާގައި ދަށު ކޯޓުގައި ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިއަދު ހައި ކޯޓުން އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ހުކުމްކޮށް ދޫކޮށްލި ދެ މީހުން އަނެއްކާ ވެސް ބަންދުކޮށްފި އެވެ.
23 އެޕްރީލް 2017 ދުވަހުގެ ވަގުތެއްގައި ސ. ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދުގެ ދިރިއުޅޭ ގެއަށް އޭނާ ވަނުމުން ތޫނު ހަތިޔާރުން ޙަމަލާދީ ރަޙުމްކުޑަގޮތަކަށް މަރާލާފައިވާ މައްސަލައިގައި ދަށު ކޯޓުގައި ކުށް ސާބިތުވީ ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި ހުޅުމާލެ ގޯތި ނަންބަރު 11399 އަޙްމަދު ޒިހާން އިސްމާޢިލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓަށް މި މައްސަލަ ތަހުވީލު ކުރުމުން ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުގައި އެދުމުން އެ ކޯޓުގެ އަމުރަކުން މިހާރު ބަންދުކޮށްފައިވާ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުންޏެވެ.
ދަށު ކޯޓުގައި ހަ މީހެއްގެ މައްސަލަ ބަލައި ދެން ތިބި ހަތަރު މީހަކަށް ކުށް ސާބިތުނުވާ ކަމަށް ނިންމި އިރު، އެއިން ދެ މީހެއްގެ މައްސަލަ ޕީޖީން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެ ދެ މީހުންގެ މައްސަލަ ވެސް އަލުން ބެލުމަށް ހައި ކޯޓުން މިއަދު އެންގި އެވެ. އެއީ ގދ، ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން އާއި މ. ތާއީފް އިސްމާއިލް ރަޝީދު އެވެ.

