
ޓިކްޓޮކްގައި ރަސޫލާއަށް ފުރައްސާރަކޮށް ތިމަންނާއަކީ ވަހީ އަންނަ މީހެއް ކަމަށް ބުނެ، އިސްލާމީ އަޤީދާއަށް ފުރައްސާރަކޮށް ވާހަކަދެއްކި މީހެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފިއެވެ.
“ދެން”އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހެކެވެ. އޭނާ މިދިޔަ ހުކުރު ދުވަހު ދީނާ ޚިލާފު ވާހަކަތަކެއް ޓިކްޓޮކް ލައިވްއެއްގައި ދެއްކި މައްސަލަ ވަނީ މީސްމީޑިއާގައި ފެންމަތިވެފައެވެ.
މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދެއްކި މީހެއްގެ ވީޑިއޯގެ މައްސަލަ ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށެވެ. އަދި މި މީހާއަށް ފިޔަވަޅު އެޅުމަށް އެ ވުޒާރާއިން ރަސްމީކޮށް އެދިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޕޯސްކޮށްފައިވާ ވީޑިއޯތަކެއް މައްސަލައެއް ފުލުހުންގެ ސަމަލުކަމަށް އައިސްފައިވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

