
އިތުބާރާއި އަމާނާތްތެރިކަމާއެކު ޒަކާތު ފަނޑު ހިންގައި ބެލެހެއްޓުމަށް ގާނޫނެއް ވުޖޫދުވުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ޒަކާތު ބިލު ވަނީ ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ އެ ބިލު ހުށަހަޅުއްވައިދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުމަށް ދުއާ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޒަކާތުގެ ގާނޫނު ބިނާވެފައި ވަނީ އިސްލާމީ ފިގުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށްކަން ވެސް ފާހަގަކުރެއްވި އެވެ.
އިއްޔެ ފާސްކުރި ގާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުތުކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނޫ އޮނިގަނޑެއް އެކުލަވާލުމާއި، ގާނޫނުގެ ދަށުން ދައްކަން ޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުބާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލެވުނު ގާނޫނެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

