
ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޒަކާތު ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 3 ޑިސެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ.
މިއީ، އިސްލާމްދީނުގައި ޒަކާތް ޝަރުއުކުރައްވާފައިވާ މަގްސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެމަތިން، ދިވެހިރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން، ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަގްސަދުގައި އެކުލަވަލާލެވިފައިވާ ބިލެކެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށް ޓަކައި “ޒަކާތު ފަންޑު” ގެ ނަމުގައި ފަންޑެއް އުފެދުނީކަމަށް ބަޔާންކޮށްފައިވެއެވެ. މި ބަލަހައްޓާނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ގާއިމުކުރެވޭ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
ޒަކާތު ފަންޑު އުފެދުމާއެކު، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ޤާއިމުކޮށް ހިންގަމުން އައި “ޒަކާތު ފަންޑު” އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި ބިލުގައި ބަޔާންކުރާ ފަންޑަށް ބަދަލުވީއެވެ.
މި ޤާނޫނުގެ ދަށުން، ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭގޮތުން، ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅުއްވާނީ، ޒަކާތާބެހޭ ކަންކަން ހިމެނޭގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސްއެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި “މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި، ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ. އަދި ކުރިން މިނިސްޓްރީގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ޒަކާތު ހައުސްގެ އެންމެހައި މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ އިދާރާގައި ބޭނުންކުރަމުންދިޔަ އެންމެހައި މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އިދާރާއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، މި ގާނޫނުގައި ބަޔާންކުރާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލުވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިއުކުރައްވާފައެވެ. ގާނޫނަށް އަމަލުކުރަން ފަށާނީ 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

