
ފުވައްމުލަކު ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 72އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ޏ. ފުވައްމުލައް / ފުނާޑު. އެލީނާ، މުހައްމަދު މޫސާ (72އ)އެވެ.
މޫސާ ހައްޔަރުކުރީ ފުވައްމުލައް ސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ފުވައްމުލަކު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިގެންކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 50.35ގުރާމު ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުވައްމުލަަކަށް މަސްތުވާތަކެތި އެތެެރެކުމުގެ ތުހުމަތުގައި ފުވައްމުލައް / މިސްކިތްމަގު. ނިރިހާ، ހުސައިން ސައިފު (33އ)ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.
އެގޮތުން އިއްޔެ ހިންގި އޮޕަރޭޝަންގައި، ފުވައްމުލަކުގެ މަގުމަތިން ސައިފު ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސައިފު 15ދުވަހަށް އަދި މޫސާ ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

