ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޯޑު މެމްބަރުކަމުގެ މަގާމުން އަހްމަދު އަލީ އިސްތިއުފާ ދެއްވައިފި އެވެ.
ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓް ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އުފެއްދި ބޭންކެކެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ޑީބީއެމްގެ ބޯޑު މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު އަލީ އިއްޔެ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލުކޮށް، މަގާމުން ވަކިކުރެވިފައިވާ ކަމަށެވެ.
އަހްމަދު މަގާމުން އިސްތިއުފާ ދެއްވިއިރު، އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން ޖޯންސް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފަ އެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް ނޮއެލް ހުށަހަޅުއްވާފައިވާތީ އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމުގައި ޕީސީބީން ހާމަކުރީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ޑީބީއެމްގެ ބޯޑަށް އައްޔަންކުރެއްވި އަހްމަދު އިސްތިއުފާ ދެއްވުމާ އެކު ބޯޑުގައި މިހާރު ތިއްބަވަނީ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު އަދި ރޮބަޓް ޑެނިއަލް ކާންޓެވެ. ބޭންކުގެ ޗެއާޕާސަނަކީ އަރޫނީ ގޫނަތިލަކަ އެވެ.
ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި “ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް” އުފައްދަވާފައި ވަނީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.
ޑިވެލޮޕްމަންޓް ބޭންކް ހުޅުވުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދީފައި ވަނީ އޮކްޓޯބަރު މަހު އެވެ. އެ އާއެކު ބޭންކް ރަސްމީކޮށް އިފުތިތާހުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ.