
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށުން ހިންގާ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުނު މުނާސަބަތުގައި، އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޝިކާރައަކަށްވާ ފަރާތްތަކުން އެކަން ރިޕޯޓުކުރުން ލަސްވުންކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެންޓި-ސްކޭމް ސެންޓަރުގެ އިސްވެރިޔާ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ކުށްކުރާ ފަރާތްތަކުން ވަރަށް ހަލުވިކަމާ އެކު އެކައުންޓުތަކުން ފައިސާ ނަގަމުންދާތީ، މައްސަލަ ހުށަހެޅުން ލަސްވާ ކޮންމެ ސިކުންތަކީ ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު ހަނިވެގެންދާ ކަމެއް ކަމަށެވެ. މިފަދަ ގޮންޖެހުންތަކާ އެކު ވެސް، ފާއިތުވި ބާރަ މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު 2،259 މައްސަލައިގެ ތެރެއިން 40 އިންސައްތަ ފައިސާ އަލުން ހޯދައި، ވެރިފަރާތްތަކާ ހަވާލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އެއްކޮށް ފައިސާ ހޯދުނު 785 މައްސަލައާއި، ބައެއް ފައިސާ ހޯދުނު 183 މައްސަލަ ހިމެނޭއިރު، ތަހުގީގުގެ ތެރެއިން 3،852 އެކައުންޓެއް ވަނީ ފްރީޒްކޮށްފައެވެ.
ރިޕޯޓުކުރެވޭ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައީ އިންޓަނެޓް މެދުވެރިކޮށް ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތަކެވެ. މިއީ ސެންޓަރަށް ހުށަހެޅޭ ޖުމްލަ މައްސަލަތަކުގެ ދެބައިކުޅަ އެއްބަޔަށްވާއިރު، ދެވަނައަށް އެންމެ ގިނައިން ހިންގަނީ ބޭރު ފައިސާ ގަނެވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލުމުގެ ކުށެވެ. މީގެ އިތުރުން ފުލުހުން ވަނީ މިފަދަ ޖިނާއީ އަމަލުތައް ހިންގި 36 މީހަކު ހައްޔަރުކޮށް، ދައުވާކުރުމަށްޓަކައި 10 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުށްކުރާ މީހުން ބޭނުންކުރާ އުކުޅުތައް ބަދަލުވަމުންދާއިރު، އާންމުންގެ ހޭލުންތެރިކަން ކުޑަވުމަކީ ކަންބޮޑުވުމެއްކަމަށް ފުލުހުން ދެކެއެވެ. ޚާއްސަކޮށް ޕިރަމިޑް ސްކީމް ފަދަ އޮޅުވާލުންތަކަކީ ހަގީގަތެއްކަން ގިނަ ބަޔަކަށް ގަބޫލުނުކުރެވޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ސްކޭމްތައް ތަހުގީގުކުރުމުގައި ގާނޫނީ އިހުތިސާސްގެ މައްސަލަތައް ކުރިމަތިވި ނަމަވެސް، ކަމާގުޅޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާކަން އިންސްޕެކްޓަރ ނަވީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ފުލުހުން އިލްތިމާސްކުރަނީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި އިންތިހާއަށް ސަމާލުވުމަށާއި، ޝައްކުކުރެވޭ ކަމެއް ފާހަގަވާނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެންގުމަށެވެ.

