
ސިވިލް ސަރވިސް މުވައްޒަފުންގެ ހެދުން އެޅުން އަޚްލާޤީ މިންގަނޑަށް ނުފެތޭ ކަމަށާއި، އެކަން ޤަވާއިދުގެ ތެރެއިން ބަދަލު ގެނައުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގައި ދަންނަވައިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ބޭފުޅުންގެ ހެދުން އެޅުމުގެ މިންގަނޑު ދަށް ކަމަށާއި މި ޝަކުވާތައް ރައްޔިތުންގެ ފަރާތުން ވެސް ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މިހާރު އޮތް ސިވިލް ސަރވިސްގެ ޤަވާއިދުގައި ވެސް ހެދުން އެޅުމާ ބެހޭ ވަރަށް ރަނގަޅު މިންގަނޑެއް ހިމެނިފައިވާ ކަމަށާއި ނަމަވެސް އެ ޤަވައިދަށް މުވައްޒަފުން ޢަމަލުކުރަމުން ނުދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން، ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ ޤަވާއިދު ބަދަލުކޮށް ދިނުމަށް ސީއެސްސީގައި ދަންނަވާފައިވާނެ ކަމަށާއި މިކަމަށް އަވަސް ޙައްލެއް ގެނެސް، މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

