
ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް އަންހެން މުވައްޒަފުން، ރަސްމީ ގަޑީގައި ފާސްކުރި ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ލެވޭ ގޮތަށް ޤަވާއިދު އިސްލާހުކޮށްފިއެވެ.
ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކާ ގުޅިގެން އެ މުވައްޒަފުން ހެދުން އެޅުމުގެ ޤަވާއިދު އިޞްލާޙު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރެއްވާފައެވެ.
އެގޮތުން، ސިވިލް ސަރވިސް އިދާރާއެއްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެން ވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެ ކަމަށް އެ ވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ހަމައެހެންމެ، ސިވިލް ސަރވިސް އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުންކުރަން ވާނީ ފާސްކުރި ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެއް ކަމަށާއި ހެދުން އެޅުމުގައި ޚާއްސަ ސަމާލުކަން ދޭންވީ ކަންކަން ވެސް މި އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް މި އުސޫލުގެ ވަނީ މަނާކޮށްފައެވެ.

