
ސިނަމާލެ އަދި މާލެހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަ އިނާޔަތެއްދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އެއްޔެ ހަވީރު ސިނަމާލެ އަދި މާލޭހިޔާގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލު ކުރައްވައި، އެ ފަރާތްތަކުގެ ކަނބޮޑުވުންތައް އެމަނިކުފާނު ވަނީ އަޑުއައްސަވާފައެވެ. އަދި މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ޙާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ވެސް ވަނީ ރައީސްއަށް ހުށަހަޅާފައެވެ.
އެގޮތުން، ރާއީސުލްޖުމްހޫރިއްޔާ ވަނީ މި ފްލެޓްތަކަށް މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީ، އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް، މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ނިންމަވާފައެވެ.
ފްލެޓްތައް މިލްކުކުރުމަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކަށް 100،000 (އެއްލައްކަ) ރުފިޔާ އެއްކޮށް، އެ ފްލެޓެއްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
އެހެންކަމުން މި އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރެވޭނެއެވެ. އަދި ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރެވޭނެ ގޮތަށް ވެސް ވަނީ ނިންމަވާފައެވެ.

